އިމިގްރޭޝަނުގެ ޚާއްޞަ އޮޕަރޭޝަންއެއްގައި މާލޭ ބާޒާރުމަތިން 8 ބިދޭސީން ހައްޔަރުކުރެވިއްޖެ

އިމިގްރޭޝަނުގެ ޚާއްޞަ އޮޕަރޭޝަންއެއްގައި މާލޭ ބާޒާރުމަތިން 8 ބިދޭސީން ހައްޔަރުކުރެވިއްޖެ

Author
ހުސައިން
22 އޭޕްރިލް 2025 01:10
0

އިމިގްރޭޝަނުން އިއްޔެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަންއެއްގައި މާލޭ ބާޒާރުމަތިން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 8 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަން ޓާސްކް ފޯސްއިން އިއްޔެ ހަވީރު ހިންގި މި ރެއިޑް އޮޕަރޭޝަންގައި ބާޒާރުމަތީގައި ހުރި ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކުރެވުނެވެ.

މީގެއިތުރުން، މިފަދައިން ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށް ގެންދެވެމުންނެވެ. އިމިގްރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޚާއްޞަ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދާއިރު، މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ޑީޕޯޓްކުރެވިފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މޮނިޓަރކުރުމުގެ ގޮތުން އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ. އިމިގްރޭޝަނުން ބުނެފައިވަނީ މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވެމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.