މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ޖުމްލަ 60 މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ. މިގޮތުން ހުޅުވާލި މަޤާމުތަކުގެ ތެރޭގައި ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތަށް ބޭނުންވާ މަޤާމުތައް ހިމެނެއެވެ.
މި ވަޒީފާގެ ފުރުޞަތުތަކުގައި ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް 20 މުވައްޒަފުންނާއި، ކާޕެންޓަރުގެ މަޤާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަޤާމަށް 20 މުވައްޒަފުން ހިމެނެއެވެ. އެމްޓީސީސީން ބުނީ މިއީ ހީވާގި އަދި މަސައްކަތަށް ޝައުޤުވެރިކަން ހުރި ދިވެހި މުވައްޒަފުންނަށް ހުޅުވާލާފައިވާ ފުރުޞަތުތަކެއް ކަމަށެވެ.
ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް ކުރިމަތިލުމަށް އަސާސީ ތަޢުލީމު ހާސިލުކޮށްފައިވުން ފުދޭއިރު، ކާޕެންޓަރާއި މޭސަންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ އެ ދާއިރާއިން މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މުސާރައިގެ ގޮތުން ބަލާއިރު ޓެކްނިކަލް އެސިސްޓެންޓަށް 10,000 ރުފިޔާއާއި، ކާޕެންޓަރާއި މޭސަނަށް 11,400 ރުފިޔާގެ މުސާރަ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ސްޓާފް މެޑިކަލް އިންޝުއަރެންސްއާއި ޕެންޝަން ސްކީމުގައި ބައިވެރިކުރުމުގެ އިނާޔަތްތައް ލިބޭނެއެވެ. އަދި ކެއުމާއި ހުރުމުގެ އިންތިޒާމުވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ވަޒީފާތަކަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެމްޓީސީސީގެ ވެބްސައިޓްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59 ގައެވެ.
ކޮމެންޓު ފޮނުވާ