މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަޚުޞިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް އެމަނިކުފާނު ވަޑައިގަންނަވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒުގެ ހުއްދަފުޅާ އެކުގައެވެ. މި ހުއްދަ ދެއްވާފައިވަނީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.
މި ދަތުރުފުޅުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރައްވާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާވެސް ބައްދަލުކުރައްވާނެއެވެ.
ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. ހަމައެއާއެކު ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރައްވާނެއެވެ.
ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ. އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީވެސް އެމަނިކުފާނެވެ.
މީގެއިތުރުން އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާ މަރުކަޒު ބައްލަވާލެއްވުމާއި، މަރުކަޒުގެ ޕްރީސްކޫލްގެ ދަރިވަރުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މި ދަތުރުފުޅަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ