އެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތަކުގައި އެއްދުވަހެއްގައި 80 މަރު

އެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތަކުގައި އެއްދުވަހެއްގައި 80 މަރު

ގުޅުންހުރި

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަންގެ ހޫތީންނަށް މިދިޔަ 15 މަސްދުވަހުގެ ތެރޭގައި ދެމުންގެންދިޔަ ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ކަމަށް ހޫތީން ބުނެފައިވެއެވެ. މި ހަމަލާތަކުގައި މިހާތަނަށް 74 މީހުން މަރުވެފައިވާ ކަމަށާއި 171 މީހުން ޒަޚަމްވެފައިވާ ކަމަށް ހޫތީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަނީސް އަލަސްބާހީ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދިން މި ހަމަލާތަކުގައި ރަސް އީސާގައި ހުރި ފިއުލް ޓާމިނަލްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އަދިވެސް ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަނީސް އޭއެފްޕީއަށް ވިދާޅުވިއެވެ. މިހެންވުމުން މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޫތީން ހިންގާ ޓީވީ ސްޓޭޝަނަކުން ދައްކާފައިވާ މަންޒަރުތަކުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވުމަށްފަހު ވަރުގަދަކޮށްފައިވާ މި ހަމަލާތަކުގައި ރޭ އުޑުމަތިން ފެންނަމުން ދިޔައީ ބޮޑެތި އަލިފާންގަނޑުތަކެކެވެ.

ހަމަލާތައް ދިނުމުގެ ބޭނުމަކީ ފަގީރުކަން ބޮޑު ޔަމަންގެ ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލްކުރާ ހޫތީ ހަނގުރާމަވެރިންނަށް ބޭނުންވާ ސާމާނާއި ފައިސާ ލިބޭނެ މަގުތައް ބަންދުކުރުން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.

މި ހަމަލާތަކުގެ ފަހުން ހޫތީން ވަނީ އިޒްރޭލާއި އެމެރިކާގެ، މަތިންދާބޯޓު އުފުލާ ދެ އުޅަނދަކަށް މިސައިލް ހަމަލާދީފައިވާ ކަމަށް އިއުލާނުކޮށްފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފައިވަނީ ޔަމަނުން ފޮނުވާލި މިސައިލެއް އިންޓަސެޕްޓުކޮށްފައިވާ ކަމަށެވެ.

ހޫތީންނަކީ އީރާންގެ މަދަދު ލިބޭ ބަޔަކަށް ވާއިރު، އެމެރިކާއިން ޔަމަނަށް ހަމަލާދީފައި މިވަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވަން ފަށާފައިވާ މަޝްވަރާތަކާ ދިމާކޮށް ކަމަށްވާތީ، މިއީ އީރާނަށް ދޭ އިންޒާރެއް ކަމަށްވެސް ބެލެވެއެވެ. ހޫތީންގެ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާނުން ނަގަންޖެހޭނެ ކަމަށް ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ.

އެމެރިކާއިން ޔަމަނަށް ހަމަލާދެމުން ދަނީ އިޒްރޭލުން ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލުހިފުމަށް ހޫތީންގެ ފަރާތުން ރަތް ކަނޑުގައި އެމެރިކާ އާއި އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ ނަމުގައެވެ. ހޫތީން އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލައިފިނަމަ، ޔަމަނަށް ދެމުންދާ ހަމަލާތައްވެސް ހުއްޓާލާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ