"އުންމަތް ފަލަސްތީނާ އެކު" ގެ ނަމުގައި މިރޭ 8:20 ގައި މަޖީދީމަގުގެ ރަސްފަންނު ސަރަހައްދުން ފެށިގެން ހެންވޭރަށް ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ، ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑުއުފުލިއެވެ.
ހިނގާލުން ނިމުމަށްފަހު ބައިވެރިން އާޓިފިޝަލް ބީޗަށް އެއްވެ، ފަލަސްތީނާ ގުޅޭ ވީޑިއޯއެއް ބަލައި، ޚާއްސަ ދަރުސެއްވެސް ބޭއްވިއެވެ. ވީޑިއޯގައި ފާހަގަކޮށްފައިވަނީ އިސްރާއީލްގެ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމާއި، އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަމެވެ.
ބައިވެރިން "މުސްލިމުންނަކީ އެއް އުންމަތެއް. ބޯޑަރުތައް ހުޅުވާލާ. ފްރީ ފްރީ ފަލަސްތީން" ފަދަ އިބާރާތްތައް ގޮވަމުން ޝުއޫރު ފާޅުކުރިއެވެ. މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ވަނީ އިސްރާއީލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ.
އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ނިންމުން ސަރުކާރުން ފުރަތަމަ އިޢުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މިކަމާ ގުޅޭ ބިލެއް ހުށަހަޅާފައެވެ.
2023 އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް 48,200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ 69 އިންސައްތަ ގެދޮރު ހަލާކުކޮށް، ގިނަ އާބާދީއެއް ހާލުގައި ޖެހިފައިވާކަން އ.ދ. އިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ