ށ. ނަރުދޫ އަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އުދަ އެރުމުގެ ސަބަބުން ނަރުދޫގެ ބައެއް ގެތަކަށް ފެން ވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ނަރުދޫ ކައުންސިލުން ބުނީ، އުދަ އަރަން ފަށާފައި ވަނީ ރޭ ދަންވަރު ކަމަށާއި، އުދައިގެ ސަބަބުން 8 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ގޭގެ ތެރެއިން ދެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުނަށް ދިރިނޫޅެވޭ ވަރު ވީކަމަށް ނަރުދޫ ކައުންސިލުން ބުނެއެވެ. އެގޮތުން 2 ގޭގެ ބަދިގެއާއި ގޭތެރެއަށް ލޮނުވަދެ އެ 2 ގޭގައި ކައްކާ ކައި ނޫޅެވޭވަރު ފެފައި ވާކަމަށް ކައުންސިލުން ބުނެއެވެ.
މިއީ މިވީހާތަނަށް އެރަށަށް ރާޅުއަރައި މިވަރުގެ ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންވީ ސުނާމީ ކާރިސާގައިވެސް ނަރުދުއަކީ މިވަރުގެ ގެއްލުމެއް ވީ ރަށެއް ނޫންކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލް އިދާރާގައި ހުރި ޕަމްޕެއް އެހީގައި ރަށުން ފެން ހިންދުމުގެ މަސައްކަތް ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ގެންދަނީ ކުރަމުންނެވެ. އަދި އިތުރު ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެއްސުން ފަދަ މަސައްކަތްތައްވެސް ގެންދަނީ ކުރަމުން ނެވެ. ރޭ އުދައަރަން ފެށުމާއި އަތޮޅު ކައުންސިލަށާއި، އެއަތޮޅު ފުނަދޫގައި ތިބޭ ފުލުހުންނަށް އެކަން ހުށަހަޅާފައި ކަމަށް ނަރުދޫ ކައުންސިލުން ބުންޏެވެ.
އުދައިގެ ސަބަބުން ގޮނޑުދޮށާއި ކައިރިން އަށް ގެއަކަށް ގެއްލުން ލިބިފައިވީ ނަމަވެސް އެއައަށްވުރެ ދުރަށް ރަށުތެރެއަށް ރާޅު އަރާފައިވާ ކަމަށް ނަރުދޫ ކައުންސިލުން ބުނެއެވެ.
ނަރުދުއަށް ބޮޑަށް އުދައަރަމުން އަންނަނީ ރަށުގެ ބަނދަރު ހިމެނޭ ސަރަހައްދުންނެވެ.