މ. މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވާއިފި

މ. މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވާއިފި

Author
ހުސައިން
16 އޭޕްރިލް 2025 08:40
0

މ. މުލަކު ފުޓްބޯޅަ ދަނޑު މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

ގާތްގަނޑަކަށް ތިން އަހަރު ކުރިން ފެށުނު މި ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރީގައި ނިމިފައިވީނަމަވެސް، ވިއްސާރަވުމުން ދަނޑު ބޭނުންކުރަން ދަތިވެ، އެރަށުގެ ޒުވާނުންނަށް ދަނޑުގެ ބޭނުން ހިފުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އެކަމަށް ހައްލެއް ނުލިބި މަސައްކަތް ދިގުލައިގެން ދިއުމުގެ ސަބަބުން އެ ރަށުގެ ޒުވާނުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރެވުނެވެ.

މިހާރުގެ ކުޅިވަރާއި ހަށިހެޔޮކަމާ ޖެހޭ ވަޒީރު އެރަށުގެ ޒުވާނުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ދަނޑުގެ ސަބްބޭސް އަލުން ރަނގަޅުކޮށް، ކާނުތައް ހަރުކޮށް، ޓާފް އެޅުމުގެ މަސައްކަތް ނިންމާލެވުނެވެ.

މުލަކުގައި ހުޅުވުނު މި ދަނޑުގެ ސަބަބުން އެ ރަށުގެ އިތުރުން މުޅި މުލަކު އަތޮޅުގެ ކުޅިވަރަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މީގެ ކުރިން މުލަކު ޒުވާނުން ފުޓްބޯޅަ ކުޅުމަށް އުފުލަމުންދިޔަ ތަކްލީފަށް ނިމުމެއް އައިސްފައިވާއިރު، މިއީ މުލަކުގެ ފުޓްބޯޅައަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ކުޅިވަރު ވަސީލަތްތަކުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ނުނިމި ހުރި ވަރަށް ގިނަ މަޝްރޫއުތައް ނިންމުމުގެ މަސައްކަތް މިއަހަރު ވެސް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.