އެމްޓީސީސީން ޑީއާރްޕީގެ ދަރަނީގެ މައްސަލަ އަނބުރާ ގެންގޮސްފި

އެމްޓީސީސީން ޑީއާރްޕީގެ ދަރަނީގެ މައްސަލަ އަނބުރާ ގެންގޮސްފި

Author
ހުސައިން
16 އޭޕްރިލް 2025 08:54
0

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ 1.1 މިލިއަން ރުފިޔާގެ ދަރަންޏާއި ގުޅިގެން އެމްޓީސީސީއިން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ ދެކޮޅަށް ހައިކޯޓުގައި ހިނގަމުންދިޔަ މައްސަލަ އެމްޓީސީސީގެ އެދުމުގެ މަތިން އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައިގައި، ސިވިލް ކޯޓުގައި ހިނގި ޝަރީއަތުގައި ދަށު ކޯޓުން ވަނީ ފައިސާ ދެއްކުމަށް ޑީއާރްޕީން އެއްބަސްވެފައިވާކަން އެމްޓީސީސީއަށް ސާބިތުކޮށްދެވިފައިނުވާތީ، އެ ފައިސާ ދައްކަން ނުޖެހޭނެކަމަށް ނިންމާފައެވެ. މިގޮތުން މައްސަލަ ނިމިފައިވަނީ މައުމޫނާ އެއްކޮޅަށެވެ.

ދަށު ކޯޓުގެ ނިންމުން ބަދަލުކުރުމަށް އެމްޓީސީސީއިން 2023 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެހެންނަމަވެސް، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދަށު ކޯޓުގެ ޙުކުމް ނިންމާތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހެއެވެ. މި މައްސަލަ ދަށު ކޯޓުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 8 ވަނަ ދުވަހުކަމަށްވާތީ، އިސްތިއުނާފުގެ މުއްދަތު ހަމަވެފައިވާ ކަމަށް މައުމޫންގެ ފަރާތުން ވަނީ ހައިކޯޓުގައި ފާހަގަކޮށްފައެވެ.

ހައިކޯޓުގައި މައުމޫންގެ ފަރާތުން އެދިފައިވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް ހައިކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. މި ނިންމުމާ ގުޅިގެން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައިވެއެވެ.

މައްސަލަ ކުރިއަށް ގެންދިއުމަށް ހައިކޯޓުން ނިންމާފައި އޮތް ނަމަވެސް، އެމްޓީސީސީގެ އެދުމުގެ މަތިން މިހާރު މައްސަލަ އަނބުރާ ގެންގޮސް ވަނީ ބާޠިލުކޮށްފައެވެ. ހައިކޯޓުގައި ހިނގަމުންދިޔަ މި މައްސަލަ އަނބުރާ ގެންދިއުމަށް އެމްޓީސީސީއިން ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.