ސްވިމް މޯލްޑިވްސްއާއި ދިރާގު ގުޅިގެން ބާއްވާ "ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތް އޮންނާނީ މެއި މަހުގެ 24 ވަނަ ދުވަހާ ދިމާވާ ހޮނިހިރު ދުވަހުއެވެ.
މިކަން އިޢުލާންކުރީ މިއަދު ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައެވެ. ބޭއްވި ނިއުސް ކޮންފަރެންސްގައި ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ މި މުބާރާތަކީ ދިރާގާއި ސްވިމް މޯލްޑިވްސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މުބާރާތެއް ކަމަށާއި، މި ފަހަރު 300 އަށްވުރެ ގިނަ ފަރާތްތައް މި މުބާރާތުގައި ބައިވެރިވާނެ ކަމަށް އަމާޒު ކުރެވިފައިވާ ކަމަށެވެ.
"ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަސޭހައިން މޫދަށް ދެވޭ ޤައުމު، އެއްގަމުން މޫދާ ހިސާބަށް އެންމެ ދުރު ޕޮއިންޓަކީ 800 މީޓަރު. އެހެންވީމަ މިކަހަލަ ގައުމެއްގައި ފެތުމަކީ ހުރިހާ ކުދިންނަށް، ޚާއްސަގޮތެއްގައި ކުޑަކުދިންނަށް، އެނގެންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެންގެ ޖަމްޢިއްޔާއިން ޤަބޫލުކުރަން،" ޝަމީމް ވިދާޅުވިއެވެ.
މި މުބާރާތުގައި ހުރިހާ އުމުރުފުރާއަކަށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ބައިވެރިންގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް މާސްކާއި ފިންސް އަޅައިގެން ފެތުމުގެ ފުރުޞަތުވެސް ލިބޭނެ ކަމަށް ސްވިމް މޯލްޑިވްސްއިން ހާމަކޮށްފައިވެއެވެ.
ސްވިމް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ފަތަން ދަންނަ މީހުންގެ އަދަދު އިތުރުކުރުމާއި ފެތުމުގެ ސަޤާފަތް ދިރުވާ އާލާކުރުމެވެ.
ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުވެސް ފެތުމުގެ މުބާރާތެއް ބާއްވާފައިވެއެވެ. އެ މުބާރާތަށްވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ސްވިމް މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.