ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ފިޔަވަޅެއްގެ ގޮތުން އިޒްރޭލް ޕާސްޕޯޓް ހިފައިގެން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރުމާ ބެހޭ ބިލެއް މިއަދު މަޖިލީހުން ގޮތެއް ނިންމުމަށް ތާވަލުކޮށްފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށައެޅުއްވި ބިލެކެވެ. މި ބިލް މަޖިލީހުގެ 241 ކޮމެޓީގައި އަހަރަކާ ގާތްވާ މުއްދަތަކަށް ބަހުސްކުރެވެމުން ދިޔައެވެ.
އިއްޔެ މި ކޮމެޓީން ނިންމީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރާއީލް ޕާސްޕޯޓް ހިފައިގެން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. މި ހުށަހެޅުން ކޮމެޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލްއެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.
އެހެންނަމަވެސް އިޒްރޭލް ނޫން އެހެން ޤައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލުގެ ރައްޔިތުން މި މަނާކުރުމުގެ ތެރޭގައި ނުހިމެނޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އަސްލު ބިލުގައި އިޒްރޭލްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށްވެސް ރާއްޖެ އެތެރެ ނުވެވޭގޮތަށް އޮތް ނަމަވެސް، އެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. މި ނިންމުން ބަދަލު ކުރެވުނީ އިމިގްރޭޝަނުން އެއީ ތަންފީޒު ކުރެވޭނެ ކަމެއް ނޫންކަމަށް ފާހަގަކުރުމާ ގުޅިގެންނެވެ.