ބިދޭސީންގެ ޑްރައިވިންގ ލައިސަންސްއާ ގުޅޭ އުސޫލަށް ބަދަލު ގެނެސްފި

ބިދޭސީންގެ ޑްރައިވިންގ ލައިސަންސްއާ ގުޅޭ އުސޫލަށް ބަދަލު ގެނެސްފި

ގުޅުންހުރި

ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބޭރު ޤައުމުތަކުގެ ލައިސަންސް އޮންނަ ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކަން އިޢުލާންކުރެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

ވަޒީރު ވިދާޅުވިގޮތުގައި މީގެ ކުރިން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ޤައުމެއްގެ ޑްރައިވިންގ ލައިސަންސްއަށް ހުއްދަ ދެމުން ގޮސްފައިވަނީ ލުއި އުސޫލެއްގެ ދަށުންނެވެ. އެގޮތުން ބިދޭސީއެއްގެ އަތުގައި އޮންނަ ޤައުމެއްގެ ލައިސަންސްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ވެސް ލައިސަންސް ދޫކުރެވިފައިވެއެވެ.

"މިސާލަކަށް ބިދޭސީ މީހާގެ އަތުގައި އޮތް ޕާސްޕޯޓްގެ ވެލިޑިޓޭޝަނަކީ ދެ މަސް ވިއަސް، އެއް އަހަރު ވިއަސް 10 އަހަރަށް ދިވެހި ލައިސެންސް އެބަ ދޫކުރެވޭ," ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ނިޒާމަށް ގެނެވުނު ބަދަލާއެކު މީގެފަހުން ބިދޭސީން އަތުގައި އޮންނަ ލައިސަންސަށް ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެމީހެއްގެ އަތުގައި އޮންނަ އެ ޤައުމެއްގެ ލައިސަންސްގެ މުއްދަތަށް އެކަންޏެވެ. އަދި ހުއްދަ ދިނުމުގެ ކުރިން އާންމު އުސޫލުން ލައިސަންސް ހޯދުމަށް އޮންނަ ޑްރައިވިންގ އެސެސްމަންޓްވެސް ފުރިހަމަކުރަންޖެހޭނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް ކަމަށާއި، ބޭރު ޤައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެ މާލޭގައި ދުއްވަން ކަމަށެވެ. "އެހެންވެ އަޅުގަނޑުމެން ލައިސެންސް ދޭނީ އެހެން ދިވެހިންނެކޭ އެއްގޮތަށް ޑްރައިވިން އެސެސްމަންޓް ހެދީމަ."

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ސަރުކާރުން ވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ސައްޙަ ލައިސަންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސަންސް ދިނުމަށް ނިންމާފައެވެ. އެގޮތުން އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސަންސް ދިނުމަށް ނިންމި ލިސްޓުގައި 20 އަށްވުރެ ގިނަ ޤައުމެއް ހިމެނިފައިވޭ. އޭގެ ތެރޭގައި ރާއްޖެއާ އަވައްޓެރި ބައެއް ޤައުމުތައްވެސް ހިމެނިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ