ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވިގޮތުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ވަނީ 6 ވަނަ އިޞްލާޙު ގެނެސްފިއެވެ. މި އިޞްލާޙާއެކު ދެ ފުރޮޅުލީ އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން، ދަތުރުފަތުރާ ބެހޭ ވުޒާރާއިން ޙުއްދަ ނެގުން ވަނީ ލާޒިމުކޮށްފައެވެ.
އައު އިޞްލާޙުގެ ދަށުން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދާއިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖު، ޝޯރޫމު ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. މިއީ މީގެ ކުރިން ލާޒިމުކޮށްފައި ނުވާ ކަމެކެވެ.
މީގެ އިތުރުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އެތެރެކުރެވޭ އުޅަނދު ބަހައްޓާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ތަނަކަށް ވާންޖެހޭނެއެވެ. އަދި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނުވަތަ ވުޒާރާއިން ކަނޑައަޅާ ފަރާތަކުން، އެތަނުގައި އުޅަނދު ބެހެއްޓޭނެ ޖާގަ އޮތްކަން ކަށަވަރުކުރަންވާނެއެވެ.
އިޞްލާޙުގެ ދަށުން، ރާއްޖެއަށް އެތެރެކުރެވޭ އުޅަނދުތަކާ ގުޅޭ ގޮތުންވެސް އިތުރު ޝަރުޠުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި އުފެއްދި ތާރީޚުން ފެށިގެން 3 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލުވެސް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވެއެވެ.
އުޅަނދު އުފުލޭ ބަރުދަނަށް ރިޢާޔަތްކޮށް، އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން ވަކި މުއްދަތެއް ހަމަވެފައިވާ އުޅަނދުތައްވެސް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ގަވާއިދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު ޢަމަލުކުރަން ފަށާފައެވެ. ނަމަވެސް، އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ތަނުގެ ހުއްދަ ހުށަހެޅުމާ ގުޅޭ ބަޔަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ފަހުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން، އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރެވިފައިވެއެވެ.