އަރަބި-ޗައިނާ ވިޔަފާރީގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފައެވެ. މިއަދު އެ މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ، ޗައިނާގެ ސަރުކާރުން ކައުންސިލް ފޯރ ޕްރޮމޯޝަން އޮފް އިންޓަރނޭޝަނަލް ޓްރޭޑުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނެކަމަށެވެ.
އިއުލާނުގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ މި މަހާސިންތާ ބާއްވާ 11 ވަނަ ފަހަރެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް، ޗައިނާގެ ހައިނާން ޕްރޮވިންސްގައެވެ. މި ބައްދަލުވުމުގައި ހަކަތަ، ޑިޖިޓަލް އިކޮނޮމީ އަދި އެހެނިހެން އީޖާދީ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.
މި މަހާސިންތާގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އިކޮނޮމިކް މިނިސްޓްރީއަށް އީމެއިލް ކުރަންވާނެއެވެ. އަދި މި މަހާސިންތާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު އިކޮނޮމިކް މިނިސްޓްރީން ގެޒެޓުގައި ޝާއިޢުކޮށްފައިވާނެކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އަރަބި ޤައުމުތަކާއި ޗައިނާއާ ދެމެދު އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ މަޤްޞަދުގައި މިފަދަ މަހާސިންތާތައް ސިލްސިލާކޮށް ބާއްވަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ފާއިތުވި އަހަރު މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައެވެ. އެ މަހާސިންތާގައި ޗައިނާ އަދި އަރަބި ޤައުމުތަކުގެ ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުން 3500 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.