ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް ކުރިން ކުރި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކޮށްފިއެވެ. މިދިޔަ ފެބްރުއަރީ މަހު އިޢުލާންކުރުމަށްފަހު ދެން އަލުން މިކަމަށް އިޢުލާންކޮށްފައިވާކަމަށް ބަޔާންކޮށް، މިކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވިއެވެ.
މޯލްޑިވިއަންގެ ވެރިންގެ ފަރާތުން ހާމަކުރެއްވި ގޮތުގައި، މަތިންދާބޯޓު ހޯދުމަށް އަލުން އިޢުލާންކުރުމުގެ މަޤްޞަދަކީ މިހާރު ލިބިފައިވާ ހުށަހެޅުންތަކުގެ އިތުރުން، މިކަމަށް ޝައުޤުވެރިވާ އެހެން ފަރާތްތަކަށްވެސް މި ފުރުޞަތު ހުޅުވާލުމެވެ. އައިލޭންޑް އެވިއޭޝަނަށް ވައިޑް ބޮޑީ ދެވަނަ މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 26 ވަނަ ދުވަހެވެ.
އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މޯލްޑިވިއަންއިން ހޯދަން ބޭނުންވަނީ މިހާރު ބޭނުންކުރަމުން ގެންދާ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެކެވެ. އަދި މި މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެން ބޯޓެކެވެ.
ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު މޯލްޑިވިއަންއިން ޗައިނާގެ ތިން ސިޓީއަކަށް (ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫ) ސީދާ ދަތުރުތައް ފަށާފައިވެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށުމަށް ރާވާފައިވާ ކަމަށެވެ. މި ދަތުރުތައް ފެށުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ސަރުކާރުގެ ވިސްނުމުގައި، ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.