އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި މިވަގުތު 103,300 ސައިކަލާއި 7,505 ކާރު ދުއްވާކަން ހާމަވެއްޖެއެވެ. މާލޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ އަދަދާއި އެ އުޅަނދުފަހަރު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ކުރެވުނު މި ދިރާސާ އިއްޔެވަނީ އާންމުކޮށްފައެވެ.
މާލެ ސިޓީ ކައުންސިލާއި އައިޔޫއެމް ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހަދާފައިވާ މި ދިރާސާ އާންމުކުރުމަށްފަހު، އެ ދިރާސާއާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ވެސް މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ދިރާސާ ރިޕޯޓުން ދައްކާގޮތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިވަގުތު ދުއްވާ ވެހިކަލްތަކުގެ ޖުމްލަ އަދަދަކީ 119,472 އެވެ. އޭގެ ތެރެއިން 92.7 ޕަސެންޓަކީ މޮޓޯ ސައިކަލެވެ. ޖުމްލަކޮށް ބަލާއިރު މިވަގުތު މާލޭގައި އެންމެ ގިނައީ ސައިކަލާއި ކާރެވެ. އެހެންކަމުން، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މި ދެ ބާވަތުގެ އުޅަނދުފަހަރަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އެޅުމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތަށް ފިޔަވަޅު އެޅުމުން މަގުތަކަށް ވާ ބާރުބޮޑުވުން ކުޑަވެ، ޕާކިންގެ މައްސަލަ ހައްލުވެ، އަދި ވައި ތަޣައްޔަރުވުން ކުޑަކުރެވޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޕާކިންގެ މައްސަލަ ހައްލުކުރުމަށް ޕާކިން ފީ ނެގުމަށްވެސް ވަނީ ލަފާދީފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ވެހިކަލް އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި މާލޭގެ އާބާދީ އިތުރުވުމާއި، ބޭނުންކޮށްފައި ހުންނަ ވެހިކަލް ރާއްޖެއަށް އިމްޕޯޓްކުރުން އިތުރުވުމާއި، ފަސޭހައިން ވެހިކަލް ނެގޭނެ ފައިނޭންސިންގ ސްކީމްތައް ހުރުން ހިމެނެއެވެ. މީގެއިތުރުން، ރޯޑްވާދިނަސްގެ ކަންކަން މޮނިޓަރ ނުކުރެވުމާއި، ހަމައެއްލަމައެއް ނެތި މަގުތަކުގައި ވެހިކަލް ޕާކްކުރެވުމާއި، ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ޚިދުމަތުގެ ފެންވަރު ދަށްވުންވެސް ހިމެނެއެވެ.
ދިރާސާގައި ބުނެފައިވާގޮތުން މާލެ ސަރަހައްދުގައި ބޭނުންކުރެވޭނެ ސައިކަލާއި ކާރުގެ ލިމިޓެއްގެ ގޮތުގައި ފެންނަނީ 51,904 އުޅަނދެވެ. އަދި ދުއްވާ ހުރިހާ އުޅަނދެއްގެ ލިމިޓެއްގެ ގޮތުގައި ކަނޑައަޅަން ފެންނަނީ 89,413 އުޅަނދު ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
މި ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިއްޔެ މާލެ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހް ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކުގެ އަދަދު 25 ޕަސެންޓަށް ދަށްކުރުމަކީ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. ނަމަވެސް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވަނީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށާއި އާންމުންގެ ޚިޔާލު ހޯދައިގެން ކުރިއަށްދާންވީ ގޮތުގެ ޕްލޭނެއް އެކުލަވާލަން ފަސޭހަވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ނިންމާފައިވަނީ ރިޕޯޓު އާންމުކޮށް، އާންމުންގެ ޚިޔާލު ހޯދުމަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށެވެ.