ކަނޑަށް ވެއްޓި ގެއްލިގެން ދިޔަ މީހާގެ މައްސަލައިގައި ޙުކުމް ކުރަންވާނީ ޤާޟީން: ޑރ. ޝަހީމް

ކަނޑަށް ވެއްޓި ގެއްލިގެން ދިޔަ މީހާގެ މައްސަލައިގައި ޙުކުމް ކުރަންވާނީ ޤާޟީން: ޑރ. ޝަހީމް

ގުޅުންހުރި

ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ތ. ހިރިލަންދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ހޮޅުދޫ ބޯޓު" ގައި އަލިފާން ރޯވެ، އެ ހާދިސާގައި ގެއްލުނު ލ. މާވަށު ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ މައްޗަށް ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރުމަށް އެރަށު ކައުންސިލުން އިޢުލާން ކޮށްފައިވާތީ، މިފަދަ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތް ޑރ. ޝަހީމް ވަނީ ސްޓޭޓްމަންޓެއް ދެއްވައި ސާފުކޮށްދެއްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ކަނޑަށް ވެއްޓި ގެއްލިފައިވާ މީހެއްގެ މަރާ ބެހޭގޮތުން ޙުކުމް ކަނޑައަޅަންޖެހޭނީ ޝަރުޢީ ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، އެކަމުގެ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ޤާޟީ ނިންމާ ގޮތެއްގެ މަތިންކަމަށެވެ. މަރަކީ ޝަރުޢީ ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ، މިފަދަ ނިންމުމެއް ނިންމަންވާނީ ކޯޓުންކަމުގައި ފާހަގަކުރެއްވިއެވެ.

"ގެއްލިފައިވާ މީހަކީ އަނބިންބީން ތިބި ނުވަތަ ދަރިން ތިބި މީހަކަށް ވެދާނެ. އަދިވެސް އެމީހަކީ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުން ތިބި، ވާރުތަ ބެހުމުގެ މައްސަލަތައް ނުކުންނާނެ މީހަކަށް ވެސް ވެދާނެ. އެހެންކަމުން، އެމީހާގެ މަރާމެދު ގޮތެއް ނިންމުމަކީ ޤާޟީގެ ޒިންމާއެއް" މިފަދައިން ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ގެއްލުނު މީހާގެ މަރު ޤާޟީ ކަނޑައަޅައިފިނަމަ، ޝަރުޢީ ގޮތުން ގިނަ ކަންކަމަށް އަސަރުކުރާނެ ކަމަށެވެ. އޭގެތެރޭގައި އަނބިމީހާއަށް ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުމުގެ ހުއްދަލިބުމާއި، އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހުން ހިމެނެއެވެ. އަދި ޤާޟީގެ ޙުކުމަށްފަހު، ދުވަސްތަކެއް ފަހުން ގެއްލުނު މީހާ އެނބުރި އަތުވެއްޖެނަމަ، އެދެމެދުގައި ހިނގާފައިވާ ޝަރުޢީ ކަންކަން ޞައްޙަވާނެކަމަށް ވިދާޅުވިއެވެ.

"ޤާޟީގެ ޙުކުމަށްފަހު، ގެއްލުނު މީހާގެ އަނބިމީހާ އެހެން މީހަކާ އިނދެގެން ހުރެއްޖެނަމަ، ގެއްލުނު މީހާ އެނބުރި އައިކަމުގައިވިޔަސް، އޭނާގެ އަނބިމީހާ އަލުން އޭނާގެ ގާތަށް ދިއުން ނުވާނެ" މިހެން ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އަދި ފާހަގަކުރެއްވީ، ބައެއް އިލްމުވެރިންގެ ބަސްފުޅުތަކުގައި ގެއްލިފައިވާ މީހާއާމެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް އޮތްނަމަވެސް، ކަނޑަށް ވެއްޓިގެން ގެއްލިފައިވާ މީހަކު މަރުވެފައިވާކަމަށް ބޮޑަށް ބުރަވެވޭ ހާލަތުގައި، ހަތަރު އަހަރު ނުވިޔަސް ޤާޟީއަށް ގޮތެއް ނިންމިދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ ކަށުނަމާދުކުރުމަށް މާވަށު ކައުންސިލުން އިޢުލާންކޮށްފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން އަދިވެސް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ