ގައުމީ އެއާލައިން މޯލްޑިވިއަނުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރަށް ސީދާ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މި ދަތުރުތައް މިމަހުގެ 27 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މޯލްޑިވިއަނުން މި ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށައިފިއެވެ. ދުވަސްތަކަށް ބަލައި ޓިކެޓްގެ އަގުތައް ތަފާތުވާނެކަމަށާއި، މި ދަތުރުތަކުގައި ސީޓްތައް ލިމިޓެޑްކަމަށް އެއާލައިނުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޓިކެޓް ބުކްކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭގެ ގައުމީ އެއާލައިންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެއެވެ. މިއަމާޒަށް ވާސިލްވުމަށް، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެވުނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. 264 މީހުންގެ ޖާގައިގެ އެއާބަސް އޭ330-200 މަތިންދާބޯޓުން މިހާރުވަނީ ޗައިނާގެ ތިން މަންޒިލަކަށާއި އެފްރިކާއަށްވެސް ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން ޖަރުމަނަށާއި އައްޑޫ ސިޓީއަށްވެސް މި ބޯޓުގެ ދަތުރުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.