މާލެ ސަރަހައްދުގައި 5,000 ހައުސިންގ ޔުނިޓް އެޅުމަށް އެފްޑީސީއަށް ބޭނުންވާ ލޯނު ހަމަޖެހިއްޖެ

މާލެ ސަރަހައްދުގައި 5,000 ހައުސިންގ ޔުނިޓް އެޅުމަށް އެފްޑީސީއަށް ބޭނުންވާ ލޯނު ހަމަޖެހިއްޖެ

Author
ހުސައިން
10 އޭޕްރިލް 2025 01:52
0

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މާލެ ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 13,000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުރަތަމަ 5,000 ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިނޭންސް ޗައިނާގެ ބޭންކަކުން ހަމަޖެހިއްޖެއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަޝްރޫޢަށް ބޭނުންވާ ލޯނު ލިބޭނެކަން އަންގައިދޭ ޓާރމް ޝީޓް ލިބިފައިވާކަމަށާއި، މިހާރު އެ ޓާރމް ޝީޓް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ. ކައުންސިލުން ހުއްދަ ލިބުމާއެކު މަޝްރޫޢު އިޢުލާނުކޮށް ސޮއިކުރެވޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ 13,000 ހައުސިންގ ޔުނިޓަކީ 100 ޕަސެންޓް "ކޮންޓްރެކްޓަރ ފައިނޭންސް" އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ތިންބަޔަކަށް ބަހާލާފައިވާއިރު، ފުރަތަމަ 5,000 ޔުނިޓް އެޅުމަށް ތުރުކީގެ ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި 3,000 ޔުނިޓް އެޅުމަށް ސްރީލަންކާގެ ކުންފުންޏަކާއެކު އަދި ބާކީ 5,000 ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.

މީގެކުރިން އޭނާ ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި މިހާރު އިމާރާތްކުރެވޭ ގިނަ ހައުސިންގ މަޝްރޫޢުތަކުގައި ޕާކިންގގެ ދަތިކަން ވަރަށް ބޮޑަށް ހުރިކަމަށެވެ. ގިނަފަހަރަށް ޕާކުކުރާނެ ތަނެއް ނެތުމުން އިމާރާތުގެ ވަށައިގެން ކާރުތަކާއި ސައިކަލްތައް ޕާކުކޮށްފައި ހުންނަކަމަށް ފާހަގަކުރައްވައި، މި ކަންކަމަށް ރިޢާޔަތްކޮށް އަލަށް އަޅާ 13,000 ހައުސިންގ ޔުނިޓް ޕާކިންގ އޭރިއާއާއެކު އިމާރާތްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.