ރަހުނު ފްލެޓެއް ވިއްކުމަށް އެޗްޑީއެފްސީން ހުޅުވާލައިފި

ރަހުނު ފްލެޓެއް ވިއްކުމަށް އެޗްޑީއެފްސީން ހުޅުވާލައިފި

Author
ހުސައިން
10 އޭޕްރިލް 2025 01:49
0

ލޯނެއް ނުދެއްކުމުގެ ސަބަބުން ރަހުނުކޮށްފައިވާ ހުޅުމާލޭގެ ވޯޓާލިލީ އެޕާޓްމަންޓްސްގެ ފްލެޓެއް ވިއްކާލުމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީއެފްސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ވިއްކާލުމަށް ހުޅުވާލާފައިވަނީ ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓާލިލީ އެޕާޓްމަންޓްސް) ގެ ފްލެޓް ނަންބަރު 01-03 އެވެ. މިއީ 866 އަކަފޫޓުގެ ފްލެޓެކެވެ.

ފްލެޓް ވިއްކުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 1.7 މިލިއަން ރުފިޔާކަމަށް އެޗްޑީއެފްސީން ބުނެފައިވެއެވެ. އެކަމަށް އެދި ހުށަހެޅޭނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިންނެވެ. ސިޓީ ހުޅުވުން އޮންނާނީ ހ. މިއަލަނިގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެ ކުންފުނީގެ އޮފީހުގައެވެ.

އެ ކުންފުނިން ވަނީ ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ކުންފުނީގެ ވެބްސައިޓާއި ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެކަން އަންގާފައެވެ. ނީލަން ނިންމާލާނީ ވިދިވިދިގެން ތިން ދުވަހު އެއް އަގެއް އޮތުމުންކަމަށް އެޗްޑީއެފްސީން ހާމަކޮށްފައިވެއެވެ.

ނީލަން ނިންމުމަށް ކަނޑައަޅައިފިކަން އަންގާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެ ހުށަހެޅުން ބާތިލުކުރެވޭނެކަމަށާއި، ދެން އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލުކޮށް އަލުން ފެށުމުގެ ހައްޤު އެޗްޑީއެފްސީއަށް ލިބިގެންވާކަމަށްވެސް ބުނެފައިވެއެވެ.

އަދި ފްލެޓް ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން އިމާރާތުގެ ވެރިފަރާތުން އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ބޭނުންވާނަމަ، އެފަރާތަށް އިސްކަންދެވޭނެކަންވެސް އެޗްޑީއެފްސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.