ދިރާގުގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 19 ޒުވާނުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިއްޔެ ހޮޓެލް ޖެންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ޒުވާނުންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. ދިރާގުގެ ބޯޑާއި މެނޭޖްމަންޓުގެ އިސްވެރިންނާއި އެކި ތަޢުލީމީ މުއައްސަސާތަކުގެ އިސްބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެއިތުރުން މި ރަސްމިއްޔާތުގައި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 16 ވަނަ ބެޗަށްވެސް މަރުޙަބާ ކިޔުނެވެ. މި ބެޗުގައި 20 ޒުވާނުން ބައިވެރިވިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ސްޓްރަކްޗަރޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގ ލިބެއެވެ. އަދި ދިރާގުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ. މީގެ ސަބަބުން ބައިވެރިންނަށް ކާމިޔާބު ކެރިއަރއަކަށް މަގުފަހިވެއެވެ. އަދި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައިވެސް މަސައްކަތްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޝަފީޢު ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ޒުވާނުން ތަރައްޤީކުރުމަށް ދިރާގުގެ އިސްނެގުމުގެ މަތިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބުކަން ފާހަގަކުރައްވައި އެކަމަށް ދިރާގަށް ޝުކުރު އަދާކުރެއްވިއެވެ.
"މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއް. ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުން މުހިންމު،" މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދު ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުޙަބާ ވިދާޅުވިއެވެ.
"ދިވެހި ޒުވާނުންނަށް ތަރައްޤީގެ ފުރުޞަތުތައް ހޯދައިދީ، ޒުވާނުން ބިނާކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. މި ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެކި އިންޑަސްޓްރީތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާ އެކީ އަދާކުރަމުން ދިއުމަކީ ފަޚުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްޤީކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރެވުނު މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއީއެވެ. 2009 އިން ފެށިގެން މި ޕްރޮގްރާމް ކޮންމެ އަހަރަކު ވިދިވިދިގެން ހިންގަމުން އަންނަ އަދި އިއްޔެގެ ނިޔަލަށް ޖުމްލަ 288 ޒުވާނުން މިހާތަނަށް މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.
ކޮމެންޓު ފޮނުވާ