މާލޭގެ ހުރިހާ ކާނުތައް މި އަހަރު ނިމުމުގެ ކުރިން ސާފުކޮށް ނިންމާނީ

މާލޭގެ ހުރިހާ ކާނުތައް މި އަހަރު ނިމުމުގެ ކުރިން ސާފުކޮށް ނިންމާނީ

Author
ހުސައިން
09 އޭޕްރިލް 2025 11:17
0

މާލެ ސިޓީ ކައުންސިލުން އެންމެ ބޮޑަށް ސަމާލުކަން ދީގެން މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ މާލޭގެ މަގުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިންމާލާނެ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށްފަހު މޭޔަރ ޢާޒިމް ވިދާޅުވެފައިވަނީ، މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދެމުން ގެންދަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތަށް ކަމަށެވެ.

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދެވޭ ކަމަށާއި، އެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވެމުންދާ ކަމަށްވެސް މޭޔަރ ފާހަގަކުރެއްވިއެވެ. އަދި އެމަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ދެއްވިއެވެ.

މީގެއިތުރުން، ވާރޭވެހިގެން މާލޭގެ މަގުތަކުގައި ފެން ހިންދާއިރު، މާލޭގެ މަޖީދީމަގުގައި ފެން ހަރުލާ ހަތަރު ސަރަހައްދެއް ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ސަރަހައްދުތަކުގެ ކާނުތައް މިހާރު ވަނީ ސާފުކޮށް ނިންމާލާފައި ކަމަށްވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އަދި ސްކޫލް ދަރިވަރުންނަށް ދަތިވާގޮތަށް ފެން ހަރުލާ ޗާންދަނީމަގުގައި ހުރި ކުރީގެ އަރަބިއްޔާ ސްކޫލް ކައިރީގެ ކާނުތައްވެސް މިހާރު ވަނީ ސާފުކޮށް ނިންމާފައި ކަމަށް މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވެފައިވަނީ، ގަޑިބުރު ސަރަހައްދާއި، ލަގްޒަރީ ސަރަހައްދު އަދި ސަންޕޮރަންޓު ސަރަހައްދުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލްގެ ޓީމުތަކުން މިހާރު ފަށައިގެން ކުރިއަށް ގެންދަމުންދާ ކަމަށާއި، މި މަސައްކަތްތައް ދެތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.