މާލޭގެ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން އިމިގްރޭޝަންގެ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ މާލޭގެ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ.
މި މަހު ހިންގާފައިވާ ރެއިޑް އޮޕަރޭޝަންތަކަށް ބަލާއިރު، މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީން ވަނީ އަތުލައިގެންފައެވެ. އަދި މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށް، ސައްޙަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ އިތުރުން މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 4 އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޙައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދުމަށް މި ސަރުކާރުން މަސައްކަތް ފަށައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް އުޅުނު 5،000 ބިދޭސީން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލާފައިވެއެވެ.
ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ އަމާޒަކީ ޑީޕޯޓްކުރާ ބިދޭސީންގެ އަދަދު ދެގުނަ ކުރުމެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑް އޮޕަރޭޝަންތައް އަވަސްކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅުތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.