އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ގަސް އިންދައިފިއެވެ. މިނިސްޓްރީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިއަދާ ހަމައަށް ޖުމްލަ 498,968 ގަސް އިންދާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމް ރަސްމީކޮށް ފެށުނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 5,219,456 ގަސް އިންދުމަށް ނިންމާފައިވާއިރު، އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ތަފާތު މުއައްސަސާތަކަކުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ.
އެގޮތުން، އެޗްޑީސީ އާއި އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، އެސްޑީއެމް ފާމުން 750,000 ގަސް އިންދާނެއެވެ. އަދި އާރުއޭސީއެލްއިން 60,000 ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ސްޓެލްކޯއިން 500,000 ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، އެހެނިހެން ފަރާތްތަކުން 1.3 މިލިއަނަށްވުރެ ގިނަ ގަސް އިންދާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން މިހާރުގެ އަދި އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތު ރަނގަޅުކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ