ގާޒާގައި ހިނގާ އަނިޔާވެރިކަން ހުއްޓުވުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

ގާޒާގައި ހިނގާ އަނިޔާވެރިކަން ހުއްޓުވުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

ގުޅުންހުރި

ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވާއިފިއެވެ.

އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތާމެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވަނީ ގޮވާލައްވާފައެވެ.

"އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ ރައީސް ވަނީ ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ފާސްކޮށްފައިވާ މުހިންމު ޤާނޫނުތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭކަން ފާހަގަކުރެއްވި އެވެ. އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ޤާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި އެހީ ދިނުމުގެ ކަންކަން ކުރުމަށް ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

އަބްދުއްރަހީމް އަބްދުﷲ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިޤްތިޞާދީ ބާރުވެރިކަން ކުރިއަރުވައި، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލައްވާފައެވެ. މިގޮތުން ދިވެހިރާއްޖެއިން އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނު އަދި ތަމްރީނުގެ ޕްރޮގްރާމްތަކުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ