ދަރިވަރުންގެ ތަޢުލީމީ މުގައްރަރުތައް މުރާޖަޢާކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ދަރިވަރުންގެ ތަޢުލީމީ މުގައްރަރުތައް މުރާޖަޢާކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ގުޅުންހުރި

މާލެ، 7 އޭޕްރިލް 2025 – ދަރިވަރުންނަށް ކިޔަވައިދޭ ތައުލީމީ މުގައްރަރުތައް މި އަހަރު މުރާޖައާކޮށް، އުނގަންނައިދޭ ފިލާވަޅުތަކުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު، އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، މުގައްރަރަށް ކޮންމެެހެން ގެންނަން ޖެހޭ ބަދަލުތައް މި އަހަރު ގެންނާނެކަމަށާއި، ކީ ސްޓޭޖް-4ގެ ފިލާވަޅުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށް ޝަފީއު ހާމަކުރެއްވިއެވެ.

ކީ ސްޓޭޖް-4ގެ މާއްދާތަކުގެ ޓެކްސްޓް ފޮތާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ތައުލީމީ ދާއިރާގެ އިލްމު ހުރި ފަންނީ ތަޖުރިބާކާރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިގޮތް ބެލުމަށް ނަގާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިއަހަރު ކީ ސްޓޭޖް-3 ނިންމާ ކުދިންނަށް ދިނުމަށް މަސައްކަތް ކުރާނެކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ. މިހާރު މި އެސެސްމެންޓް ދެނީ ކީ ސްޓޭޖް-1 އާއި ކީ ސްޓޭޖް-2 ނިންމާ ދަރިވަރުންނަށެވެ.

"މީގެ އިތުރަށް ރާއްޖޭގެ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަގްވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ފަށާނަން،" ޝަފީއު ވިދާޅުވިއެވެ. މިއީ އަދި އަލަށް ކުރައްވާ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތައުލީމީ ނިޒާމުގެ ތެރެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފް ކުރުމަކީވެސް މިނިސްޓްރީގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްގީކޮށްފައިވާ އާ އެޑިއުކޭޝަނަލް މެނޭޖްމެންޓް ސިސްޓަމްގެ މޮޑިއުލްތައް މި އަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފެށޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލުތަކާއެކު، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް، ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މި ދިރާސީ އަހަރު 90،000އެއްހާ ދަރިވަރުން ރާއްޖޭގައި ތައުލީމް ހާސިލް ކުރާނެ އެވެ. މި ކުދިންނަށް ކިޔަވައިދޭނީ 11،000 ޓީޗަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ