ސްކޫލް މަޝްރޫޢުތައް ނުފެށުމުން 18 ކުންފުންޏެއްގެ އެއްބަސްވުން ބާޠިލުކޮށްފި

ސްކޫލް މަޝްރޫޢުތައް ނުފެށުމުން 18 ކުންފުންޏެއްގެ އެއްބަސްވުން ބާޠިލުކޮށްފި

ގުޅުންހުރި

އެކި ތާރީޚުތައް ދިނުމަށްފަހުވެސް ސްކޫލްތަކުގެ މަސައްކަތް ނުފެށުމުގެ ސަބަބުން 18 ކުންފުންޏެއްގެ އެއްބަސްވުން ބާޠިލުކޮށް، އެ މަޝްރޫޢުތައް އެހެން ކުންފުނިތަކާ ޙަވާލުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމަށް ކުރަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްގައި ރޭ ވާހަކަދެއްކެވި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައިއިރު ތަޢުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫޢުތަކަށް 280 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތުމުގެ ސަބަބުން ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރި ކަމަށެވެ. އެހެންނަމަވެސް، މިދިޔަ އަހަރު އެ ބެކްލޮގް ގާތްގަނޑަކަށް ހުސްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ޑެޑްލައިންތައް ދީގެން ވެސް ޕްރޮޖެކްޓްތައް ނުފެށި އޮތް 18 ކުންފުންޏެއް ވާނީ ޓާމިނޭޓްކޮށް، އެހެން ކުންފުނިތަކާ ހަވާލުކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ އިތުރު 20 ކުންފުނި މި ހަފުތާގެ ތެރޭގައި އައިޑެންޓިފައިކޮށްފައިވާ ކަމަށާއި، އެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް ވެސް ބާޠިލުކޮށް އިތުރު ކުންފުނިތަކާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ރަށްރަށުގައި އެކި މަޝްރޫޢުތައް ހިންގުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫޢުތައް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާޠިލުކުރާނެ ކަމަށް ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ، މަޝްރޫޢުތައް ހަވާލުކުރިނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓު މިދިޔަ އަހަރު ހިމަނާފައި ނުވާތީ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭ ކަމަށާއި، އެ މަޝްރޫޢުތައް ހަވާލުކޮށްފައި ހުރީ ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ކަމަށާއި އެއީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ