އިންޓާ ޕާލިމެންޓަރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވުމަށް އުޒްބެކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނިކަމެތި ގައުމުތަކަށް ތިމާވެށީގެ އިންސާފު ހޯދައިދިނުމަށް ނާމްގެ މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.
ނާމްގެ ޕާލިމަންޓްރީ ނެޓްވޯކުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަބްދުއްރަހީމް ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވާފައެވެ. މި މައްސަލައަށް ހައްލު ގެނައުމަށް އެންމެ މުހިންމީ ބައިނަލްއަގުވާމީ އެއްބާރުލުންކަމަށް ވިދާޅުވެ، ނާމްގެ ހުރިހާ ގައުމުތަކުން ހަރުދަނާ ގޮތެއްގައި މިކަމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.
އަބްދުއްރަހީމް އަދި ވިދާޅުވީ ބަންޑުންގް އުސޫލުތައް ދެމެހެއްޓުމާއި ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް ތަރައްޤީ ގެނައުމުގެ މުހިންމުކަމެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިކަން ކަށަވަރުކުރުމަށް ސޯޝަލް ޕްރޮޓެކްޝަން އެކްޓް އަދި ޑީސެންޓްރަލައިޒޭޝަން އެކްޓްފަދަ ގާނޫނުތައް ފާސްކޮށްފައިވާކަމަށް ބުނެ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމައުތައް ބާރުވެރިކޮށް ހަމަހަމަކަމުގެ އުސޫލުތައް ގާއިމުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މަޖިލީހުގެ ނެޝަނަލް ޑިވެލޮޕްމަންޓް އެންޑް ހެރިޓޭޖް ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީފަދަ ކޮމިޓީތަކުން ސަރުކާރުގެ މަސައްކަތްތައް ސިޔާސަތުތަކާ އެއްގޮތަށްތޯ ބަލަމުންދާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އަދި ފާހަގަކުރެއްވީ ސުލްހަވެރިކަމަށް އެއްބާރުލުންދީ، ކޮންމެ ގައުމެއްގެ މިނިވަންކަމަށް އިހުތިރާމްކޮށް، ބޭރުގެ ނުފޫޒުން އެއްކިބާވެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ.