މާލޭގެ ކެފޭ، ހޮޓާ އަދި ޓޭކްއަވޭތަކުން ސައްހަ ވިސާނެތް ހަ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ކެފޭ، ހޮޓާ އަދި ޓޭކްއަވޭތަކުން ސައްހަ ވިސާނެތް ހަ ބިދޭސީއަކު ހައްޔަރުކޮށްފި

ގުޅުންހުރި

މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭތަކުގައި ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ސައްހަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ހަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އިއްޔެ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނުގައި މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. ތަންތަން ބަލައި ފާސްކުރުމުގައި ޓާސްކްފޯހުން ފާހަގަކުރި ގޮތުގައި، އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި އަމަލީގޮތުން މަސައްކަތް ކުރަމުންދިޔަ ހަ ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯހުން ދަނީ ރެއިޑު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މީގެ ދަށުން އިމިގްރޭޝަނުން ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.

މިހާތަނަށް ރާއްޖެއިން ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ހިމެނެނީ ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުންނެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވި ފަރާތްތަކާއި، ވައްކަމުގެ މައްސަލަތަކުގައި ބައިވެރިވި މީހުންނާއި އަދި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުން ހިމެނެއެވެ.

ހަމައެއާއެކު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43,294 ބިދޭސީންގެ މައުލޫމާތު ސަރުކާރުން އެއްކޮށްފައިވާއިރު، އޭގެ ތެރެއިން 24,540 ބިދޭސީންވަނީ ރެގިއުލަރައިޒް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ