ހިމަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އަނދާ ހުލިވެއްޖެ

ހިމަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އަނދާ ހުލިވެއްޖެ

ގުޅުންހުރި

އއ. ހިމަންދޫ ފަޅުތެރޭގައި އަޅާފައި އޮތް "ކައެލް ވިންގް" ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވެ، އަނދައި އަޅިއަށް ވެއްޖެއެވެ. މި ލޯންޗަކީ ހިމަންދޫއާއި ފެރިދޫ، މާޅޮސް އަދި މާލެއާ ދެމެދު ދަތުރުކުރަމުން އައި ފެރީ ލޯންޗެކެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި ލޯންޗުގައި އަލިފާން ރޯވެފައިވަނީ މިއަދު ފަތިހު 5:50 ހާއިރުއެވެ. ހިނގާދިޔަ މި ހާދިސާއާ ގުޅިގެން ރަށުގެ ފުލުހުންނާއި ކައުންސިލް އަދި އާންމު ރައްޔިތުން ގުޅިގެން 6:26 ހާއިރު އަލިފާން ނިއްވާލެވުނެވެ. ނަމަވެސް، ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޑިއަށް ގޮސްފައެވެ.

ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫ މެންބަރުންނާއި ކުޑަކުއްޖަކު ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ. ކްރޫއިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވީނަމަވެސް، ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ރަށުގެ މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި ލޯންޗުގައި އަލިފާން ރޯވިއިރު، އެ ލޯންޗު ވަނީ މާލެއަށް ދަތުރުކުރުމަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް، ލޯންޗުގައި އަލިފާން ރޯވާން ދިމާވި ސަބަބު މިވަގުތާ ހަމައަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާއާ ގުޅިގެން ތަހުގީގެއް ކުރިއަށް ގެންދެވެމުންދެއެވެ.

މި ހާދިސާއާ ގުޅޭ އެކި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޅި ލޯންޗުގައި ހުޅުގަނޑު ވަނީ ހިފާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ