ފަސް އަތޮޅެއްގެ ނުވަ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފަސް އަތޮޅެއްގެ ނުވަ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ފަސް އަތޮޅެއްގެ ނުވަ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފިއެވެ. އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން މިއަދު އެކްސްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ ސާފު ފެނާއި ރައްކާތެރި ނަރުދަމާ ރާއްޖޭގެ މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތުގެ ތެރެއިން ފަސް އަތޮޅެއްގެ ނުވަ ރަށުގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ށ. ނޫމަރާ އަދި ބިލެއްފަހީގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރު އެ ރަށްރަށަށް ގެންގޮސް، އާރުއޯ ބިލްޑިންގެ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ. އަދި ގޭގެއަށް އެ ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތްވެސް ޝެޑިއުލްކޮށްފައިވާ ކަމަށް މަތީން ވިދާޅުވިއެވެ.

ނ. މިލަދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރު އެ ރަށަށް ގެންގޮސް އާރުއޯ ބިލްޑިންގެ އެތެރޭގެ މަސައްކަތާއެކު ފެންމީޓަރުތައް އެސެމްބުލްކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށް އަބްދުލް މަތީން ވިދާޅުވިއެވެ. އަދި އެ އަތޮޅު މަގޫދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރު ރަށަށް ގެންގޮސް ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތާއި ފެންމީޓަރުތައް ގޭގެއަށް ގުޅުމުގެ މަސައްކަތާއެކު އާރުއޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބ. ކުޑަރިކިލަށް އެކްސްކަވޭޓަރު ގެންގޮސް، އެ ރަށުގެ އާރުއޯ ބިލްޑިންގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރަމުންގެންދާ ކަމަށްވެސް އަބްދުލް މަތީން ވިދާޅުވިއެވެ. އދ. ފެންފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެކްސްކަވޭޓަރު ގެންގޮސް، އާރުއޯ ބިލްޑިންގ ސައިޓު ސާފުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މ. ރަތްމަންދޫގެ ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އާރުއޯ ބިލްޑިންގ ސައިޓް ސާފުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. މީގެ އިތުރުން ތ. ދިޔަމިގިއްޔާއި އެ އަތޮޅު މަޑިފުށީގައި މަސައްކަތް ފެށުމަށް އެ ދެ ރަށަށް އެކްސްކަވޭޓަރު ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދެ ރަށުގެ އާރުއޯ ބިލްޑިންގެ ސައިޓް ސާފުކުރުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރިޔަށްގެންދާ ކަމަށްވެސް އަބްދުލް މަތީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ