30 ވަނަ އަހަރީ ދުވަހާ ގުޅިގެން މި އަހަރު ތެރޭގައި އެމްޑަބްލިޔުއެސްސީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ!

30 ވަނަ އަހަރީ ދުވަހާ ގުޅިގެން މި އަހަރު ތެރޭގައި އެމްޑަބްލިޔުއެސްސީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ!

ގުޅުންހުރި

މިއަދު ފާހަގަކުރާ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން މި އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނެފައިވަނީ، އެ ކުންފުނި ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އޭޕްރީލް 1، 1995 ގައި ކަމަށެވެ. 30 އަހަރު ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް، ގަސް އިންދުމުގެ ޕްރޮގްރާމް އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

އެމްޑަބްލިޔުއެސްސީއިން ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުނި އުފެދުނީ ދިވެހި މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށާއި ޤައުމުގެ ތަރައްޤީއަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅުގެ ގޮތުންނެވެ. އުފެދުނު އިރު 60 މުވައްޒަފުންނާއި އެކު، 60,000 މީހުންގެ އާބާދީއެއް އޮތް މާލެއަށް ޚިދުމަތް ދިނުމަށް އަމާޒުކުރެވުނު ނަމަވެސް، މިހާރު މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު، ތިލަފުށި، ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށި ހިމެނޭގޮތަށް 200,000 މީހުންގެ އާބާދީއަކަށް ޚިދުމަތް ފޯރުކޮށްދެމުން އެބަދެއެވެ. މިއީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައެވެ.

ކުންފުނި އުފެދުނުއިރު ޑެންމާކްގެ މެނޭޖްމަންޓަކުން ހިންގަމުން ގެންދިޔަ ނަމަވެސް، މިހާރު އެމްޑަބްލިޔުއެސްސީއަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ، 100 އިންސައްތަ ދިވެހި މެނޭޖްމަންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގާ ފަޚުރުވެރި ކުންފުންޏެކެވެ. ކުންފުނީގެ ކާމިޔާބީގެ އަސްލަކީ ހީވާގި މުވައްޒަފުންކަމަށާއި، އެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ކުރު މުއްދަތުގެ ތަމްރީންތައް ހިންގަމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ކުންފުނި އުފެދުނުއިރު ދުވާލަކު 900 ކޮޑި މީޓަރު ފެން އުފައްދައި 10,000 ކޮޑި މީޓަރު ރައްކާކުރުމުގެ ޤާބިލުކަން ހުރި ނަމަވެސް، މިހާރު ދުވާލަކު 47,300 ކޮޑި މީޓަރު ފެން އުފައްދައި 44,858 ކޮޑި މީޓަރު ރައްކާކުރުމުގެ ޤާބިލުކަން ހޯދާފައިވެއެވެ.

ކުންފުންޏަށް 30 އަހަރު ފުރުނުއިރު، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތާއި، އޮންލައިންކޮށް ޚިދުމަތްތަކަށް އެދެވޭނެ އިންތިޒާމާއި، ސްމާޓް މީޓަރު ބޭނުންކުރަން ފެށުމާއި، އޮންލައިން ޕޯޓަލް އަދި މޮބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ޚިދުމަތްތަކާއެކު ތަޢާރަފުކުރުން ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގައި އެމްޑަބްލިޔުއެސްސީން މުހިންމު ދައުރެއް އަދާކުރެއެވެ. ފެނާއި ނަރުދަމާގެ ޖުމްލަ 107 ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާފައިވާއިރު، އިތުރު 32 ޕްރޮޖެކްޓެއް (ނަރުދަމާގެ 15 ޕްރޮޖެކްޓް ހިމެނޭގޮތަށް) ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. ބައެއް ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކަށް ތައްޔާރުވަމުންދެއެވެ.

އީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމުކުރުމާއި، އޮޕަރޭޓްކުރުމާއި، ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓްކުރުމުގެ މަސައްކަތް އަދި އައިއެސްއޯ 17025: 2005 ސްޓޭންޑަޑްގެ ލެބޯޓަރީން ރިޒޯޓުތަކާއި ފަންނީ ކޮންސަލްޓަންޓުންނަށް ވިޔަފާރީގެ އުސޫލުން ފެން ތަހުލީލުކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން އެބަދެއެވެ.

އުފެއްދުންތެރިކަމުގެ ދާއިރާއިން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކާރުޚާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ކ.ގުޅީފަޅުގައި ގާއިމުކޮށްފައިވާ ޕައިޕް ފެކްޓަރީން ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހޮޅި އުފެއްދުމާއި، ފެން ވައިރިންގ އަދި ކަރަންޓް ވައިރިންގއަށް ބޭނުންވާ އެކި ސައިޒުތަކުގެ ހޮޅި އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ.

އެމްޑަބްލިޔުއެސްސީން ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުންޏަކީ ދިވެހިންގެ ޞިއްޙީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚުރުވެރި ކާމިޔާބު ކުންފުންޏެކެވެ. ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި ކުންފުނީގެ ކުރިއެރުމަށް ހީވާގި މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުންފުންޏަށް ކުރާ އިތުބާރާއި ބަހައްޓަވާ ގާތްކަމަށްޓަކައި ކަސްޓަމަރުންނަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށް ވަނީ ހާމަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ