މޯލްޑިވިއަން އިން ބ.އަތޮޅު ފުޅަދުއަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރު ވެއްޖެ

މޯލްޑިވިއަން އިން ބ.އަތޮޅު ފުޅަދުއަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރު ވެއްޖެ

Author
ހުސައިން
31 މާރޗް 2025 02:15
0

މޯލްޑިވިއަން އިން ބ.އަތޮޅު ފުޅަދުއަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރު ވެއްޖެއެވެ. އީދު ދުވަސްވަރު ފުޅަދުއަށް ސީޕްލޭން ދަތުރުތައް ކުރިއަށް ގެންދެވުނު ތަޖުރިބާއަށް ބަލާއިރު، ފަތުރުވެރިންގެ ފަރާތުން ލިބުނު ތަރުހީބު ރަނގަޅުވުމާއެކު، އީދު ބަންދަށްފަހުވެސް މި ޚިދުމަތް ކުރިއަށް ގެންދިއުމަށް ވަނީ މޯލްޑިވިއަނުން ނިންމާފައެވެ.

ގެޒެޓްގައި ޝާއިޢުކުރެވުނު ފުޅަދޫ ކައުންސިލްގެ އިޢުލާނަކުން އެނގިގެންދަނީ، މި ޚިދުމަތް ފެށުމަށްޓަކައި ސީޕްލޭން ޕްލެޓްފޯމުން ފުޅަދުއަށް ދަތުރުކުރާ ފަސިންޖަރުންނާއި އެމީހުންގެ ދާގީނާތައް އުފުލުމަށް ބޭނުންވާ ކަނޑު އުޅަނދެއް ހޯދަން އެ ކައުންސިލުން ވަނީ އިޢުލާންކޮށްފައެވެ. މި އުޅަނދުގައި މަދުވެގެން 10 ފަސިންޖަރުންނާއި އެމީހުންގެ ދާގީނާ އުފުލޭންޖެހޭނެއެވެ. އަދި ވާރޭވެހޭ ދުވަސްދުވަހު ފަސިންޖަރުންނާއި ދާގީނާ ހިޔާވާނެގޮތަށް އުޅަނދު ހުންނަންޖެހެއެވެ.

މި އުޅަނދުން ޚިދުމަތް ދޭނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައެވެ. ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޭޕްރީލް 6 ވަނަ ދުވަހެވެ.

ފުޅަދުއަކީ ލޯކަލް ޓޫރިޒަމް ދާއިރާގައި އަވަސް ދުވެލީގައި ކުރިއަރަމުންދާ ރަށެކެވެ. މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ލޯންޗުގައި އެރަށަށް ޒިޔާރަތްކުރަމުންދެއެވެ. މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފުޅަދުއަށް ފެށުމުން އެ އެއަރލައިނަށް ވިޔަފާރީގެ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.