ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރުގެ ތެރޭގައި އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާއިރު، ހަރުދަނާ ގޮތެއްގައި މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެސްއޯއީތަކާ ހަވާލުކޮށް، ކުޅިވަރުގެ ޒަރީއާއިން އުފާވެރިކަން ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫޢުތައް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ އެކުގައެވެ. ކުޅިވަރު ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓެއާޑް އަޙްމަދު ސައުދީ، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރެގޭޑިއަރ ޖެނަރަލް ރިޓެއާޑް ޢަލީ ޒުހައިރު، އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާޙު އެވެ.
އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 26 މަޝްރޫޢެކެވެ. މީގެ ތެރޭގައި ހިމެނެނީ 11 އައުޓްޑޯ ޖިމް، 10 ފިޓްނަސް ރެކްރިއޭޝަން ސެންޓަރު، 3 ފުޓްބޯޅަ ދަނޑު އަދި 2 ވޮލީބޯޅަ ކޯޓެވެ. ފެނަކައާ ހަވާލުކުރެވިފައިވަނީ 28 މަޝްރޫޢެވެ. މިއީ 16 އައުޓްޑޯ ޖިމް، 11 ފިޓްނަސް ރެކްރިއޭޝަން ސެންޓަރު އަދި 1 ފުޓްބޯޅަ ދަނޑެވެ. އާރުޑީސީއާ ހަވާލުކުރެވިފައިވަނީ 7 އައުޓްޑޯ ޖިމް، 7 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު، 5 ފުޓްސަލް ދަނޑު، 3 ފުޓްބޯޅަ ދަނޑު އަދި 1 ބެޑްމިންޓަން ކޯޓެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި 77 މަޝްރޫޢު ތަރައްޤީކުރާ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި، ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.