ރޯދަމަހު ސްކޫލްތައް ބަންދުކޮށް، އިސްލާމްދީނާ ގުޅުންހުރި ޕްރޮގްރާމްތަކަށް ހިންގިދާނެ: ޝަފީއު

ރޯދަމަހު ސްކޫލްތައް ބަންދުކޮށް، އިސްލާމްދީނާ ގުޅުންހުރި ޕްރޮގްރާމްތަކަށް ހިންގިދާނެ: ޝަފީއު

ގުޅުންހުރި

ރޯދަމަހު ސްކޫލްތަކުގެ ހަރަކާތްތައް އިސްލާމްދީނާ ގުޅުންހުރި ޕްރޮގްރާމްތަކަށް ބަދަލުކުރެވިދާނެކަމަށް ޝަފީއު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެފައިވަނީ ރޯދަމަހުގެ ދުވަސްތަކުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި އިސްލާމްދީނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ އަންނަ އަހަރުން ފެށިގެން ރަމަޟާން މަހު ސްކޫލްތައް ބަންދުކުރެވޭތޯ ބައްލަވައިދެއްވާނެ ކަމަށެވެ.

މިނިސްޓަރު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރޯދަމަހުގެ ފަހު 10 ބަންދުވުމުން، ރޯދަމަހުގައި ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށާއި އެ ދުވަސްތަކުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެން މަސްތަކުގެ ހަ ދުވަހުގެ ކިޔަވައިދިނުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގިނަ ބެލެނިވެރިން ރޯދަމަސް ސްކޫލްތައް ބަންދުކުރުމަށް ރައީސްގެ އަރިހުގައި އެދިފައިވަނީ މަދު ވަގުތުތަކަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް ކަނޑައެޅިފައިވާ 12 ނުވަތަ 13 ދުވަސް އެހެން މަސްތަކުގެ ހައެއްކަ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވޭތީ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވާ ކަމާއި، އަދި މުދައްރިސުންގެ ތެރެއިން ވެސް ބައެއް މުދައްރިސުން އާންމު މަސްތަކާ ޚިލާފަށް ރޯދަމަހުގައި ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުވާކަން ރެކޯޑުތަކުން ދައްކައެވެ.

ޝަފީއު ވިދާޅުވީ ރޯދަމަހުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ލޯބި އިތުރުކުރުމަށް ހިންގާ ހަރަކާތްތަކާއި އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން ސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަދި މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ ހަރަކާތްތައްވެސް ރޯދަމަހު ކުރިއަށް ގެންދެވިދާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މިފަދަ ބަދަލެއް ގެނައި ކަމުގައިވިޔަސް، ބައިނަލްއަގުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް ހަތަރާއި ފަހުގެ ދަރިވަރުންގެ ކިޔެވުން އޮންނާނެ ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ