ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، އިހަވަންދިއްޕޮޅުގައި ފެށިފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތާ ގުޅިގެން އިމިގްރޭޝަން ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ހއ. އުލިގަމުގައި އާ އިމިގްރޭޝަން އޮފީހެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކުރެވިއްޖެއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި އާ އިމާރާތަކީ ބަންކަރިންގ ޚިދުމަތް ހޯދުމަށް ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމާއި، އެހެނިހެން އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ އިމާރާތެކެވެ.
މިވަގުތު އުލިގަމުގައި ތިބި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދަނީ ހަމައެކަނި ސީޕޯޓްގެ ޚިދުމަތްތަކެވެ. ނަމަވެސް އަލަށް އެޅޭ އިމާރާތާއެކު، ޕާސްޕޯޓާއި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަން ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެ ކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.
ދުނިޔޭގައި ބަންކަރިންގ ޚިދުމަތުގައި ކުރިއަރާފައިވާ ވިޓޯލް ކުންފުންޏާ ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގ ޚިދުމަތް ފެށިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އަދި ހަމަ އެ މަހު، އިތުރު މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްވެސް އުލިގަމުގައި ހުޅުވާފައިވެއެވެ.