ކީރިތި ޤުރުއާން ހިތުދަސްކޮށް 24 ޙާފިޡުން، ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ. އެ ޙާފިޡުންނަށް ސަނަދު ދިނުމަށް މިރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ.
ދަސްވެނިވުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ޙާފިޡުންނަށް ސަނަދު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިއީ ސަރުކާރުން ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްޞަކޮށް ބޭއްވި ފުރަތަމަ ޖަލްސާއެވެ.
މި ސަރުކާރު އައުމަށްފަހު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން ގެންދެއެވެ.
މީގެއިތުރުން، އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމަށްޓަކައި، މުދައްރިސުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނެސްފައެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކުރެވިފައިވެއެވެ. އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ފަށާފައިވެއެވެ.