ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ޤައުމީ ލީޑަރުންނަށް ތަހުނިޔާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ކުރިއަރަމުންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރައްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި، ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްއަށް ތަހުނިޔާ ދެންނެވުމާއެކު، ދެ ޤައުމުގެ މެދުގައި އޮންނަ މުހުތަރަމް ގުޅުން ބިނާވެފައިވަނީ ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި، ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ދެ ޤައުމުން ޙިއްޞާކުރާ އެއްބަސްވުންތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ތަފާތު ދާއިރާތަކުން އެއްބާރުލުން ދީ، އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށްވެސް މަންފާކުރާނެ ގޮތަކަށް މި ގުޅުން ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
ބަންގްލަދޭޝްއަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވާފައެވެ.