ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4,000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅިގެން 2,800 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނުގައިވާ ގޮތުން، ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓާ ގުޅިގެން މިހާތަނަށް 2,843 ޝަކުވާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅިގެން ހުށަހަޅާފައިވާ 2,079 ޝަކުވާއާއި، ދެ ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅިގެން ހުށަހަޅާފައިވާ 764 ޝަކުވާއެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އިތުރުކުރައްވާފައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެވެ. ނަމަވެސް އެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ރިޢާޔަތްކޮށް، ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކަށް ބަލައި ޝަރުތު ހަމަވާކަން ސާބިތުވާނަމަ، އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެއެވެ. މިފަދަ ޝަކުވާތައް ޕޯޓަލް މެދުވެރިކޮށް ތަފްޞީލާއެކު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހުރިހާ ކަމެއް ވެރިފައިކުރުމަށްފަހު ނެރުނު ލިސްޓަށް ބަލާއިރު، ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3,721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓު ލިބިފައިވަނީ 1,423 ފަރާތަކަށެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1,218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށްވުރެ މަތިން ލިބިފައިވަނީ 397 ފަރާތަކަށެވެ.
އެހެންކަމުން ޖުމްލަ ޗެކްކުރެވުނު 4,939 ފޯމުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 1,820 ފަރާތަކަށެވެ.