ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާގެ ވަޢުދުތައް ފުއްދުމުގެ ގޮތުން މިއަދު ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
ށ. މިލަންދޫގައި އަޅާ އިސްލާމީ މަރުކަޒުގައި ނަމާދުކުރާ ޖާގައިގެ އިތުރުން، ދީނީ ދަރުސްތައް ދިނުމަށް ކުލާސްރޫމްތަކާއި ޖަލްސާކުރާ ހޯލެއްވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ދީނީ ޢިލްމު ފެތުރުމާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަކީ މުހިންމު އަމާޒެއްކަމުގައި ބަޔާންކޮށްފައިވެއެވެ.