ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަޙީދު އާއި އިމިގްރޭޝަން އޮފިސަރުންތަކެއް ހައްޔަރުކުރުމަށްފަހު، އެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
އާދީއްތަ ދުވަހު (23 މާރިޗު) ހައްޔަރުކޮށްފައިވަނީ މ. ހަޒާރީވިލާގެ އަޙްމަދު ލައްސާންއެވެ. މިހާރު މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު، ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެ އިސް ފަރާތަކީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝަމްއާން ވަޙީދު (36 އަހަރު) އެވެ. އޭނާގެ އިތުރުން އިމިގްރޭޝަންގެ އޮފިސަރުންކަމަށްވާ ގ. ހެޕީސައިޑް އިބްރާހީމް އަޙްމަދު (37 އަހަރު)، ހަމަ އެ ގެއަށް ނިސްބަތްވާ ޙަސަން ސަހެޝާން (47 އަހަރު) އަދި ތ. ބުރުނި، މޫމިނާގޭ މުޙައްމަދު އަލްސަމް އިސްމާޢީލް (21 އަހަރު) ހިމެނެއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންތަކެއްގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށާއި، އެ މީހުން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530,000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރިކަމަށެވެ.
ބިދޭސީ މީހާގެ ގެ ބަލައި ފާސްކުރުމަށް އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، މިނިވަންކުރި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާ އަތުގައި ހުރި ފައިސާތައް ހޯދުމަށްފަހު، އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަތްކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝަމްއާންގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބައި މިލިއަނަށް ވުރެ ގިނަ ނަގުދު ފައިސާ ފެނިފައިވާކަމަށް، ފުލުހުން ބުނެފައިވެއެވެ. އަދި އޭނާގެ ގެއިން އިލެކްޓްރޯނިކް ސާމާނުތަކާއި، އޭނާގެ އަންހެނުންގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޝަމްއާންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާއިރު، ދެ މީހެއްގެ ބަންދަށް 10 ދުވަސް، އަދި އެކަކުގެ ބަންދަށް ތިން ދުވަސް ކޯޓުން ޖަހާފައިވެއެވެ.
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން މަޤާމުން ވަކިކުރުމާ ގުޅިގެން އެ މަޤާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޞީޙެވެ. ފަޞީޙަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަ ދުވަހު ޚިދުމަތްކޮށް، ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.