ދިވެހި އިމިގްރޭޝަންގެ 75 އަހަރުގެ އަލިމަސް ޔޫބީލް: ރައީސްގެ ޝުކުރު ޚިދުމަތްތެރިންނަށް!

ދިވެހި އިމިގްރޭޝަންގެ 75 އަހަރުގެ އަލިމަސް ޔޫބީލް: ރައީސްގެ ޝުކުރު ޚިދުމަތްތެރިންނަށް!

ގުޅުންހުރި

އިމިގްރޭޝަން ޚިދުމަތަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި، އިމިގްރޭޝަންގެ ޚިދުމަތް ރާއްޖޭގައި ފެށުނުތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ދާއިރާގައި މީގެކުރިން މަސައްކަތްކުރެއްވި އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި އެންމެހާ ޚިދުމަތްތެރިންނަށް މަރުޙަބާ ވިދާޅުވެ، ޝުކުރު ދަންނަވާފައިވެއެވެ.

މި މުނާސަބަތާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެފައިވަނީ، އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީޚުގައި ޤައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޒަމާނުއްސުރެ ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަޞީޙްގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައިވެސް އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން ކަމަށް ވިދާޅުވިއެވެ.

އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މީގެތެރޭގައި ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއާ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒްއެއް ކުރިއަށްގެންދިއުން ހިމެނެއެވެ.

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފުރަތަމަ ދޭން ފެށީ 24 މާރިޗު 1950 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ