ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ގުޅުންހުރި

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުކުރު ދުވަހުގެ ނިޔަލަށް ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ހިމެނޭގޮތަށް، އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް، މި މައްސަލާގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ މަޢުލޫމާތު ފުލުހުން ރޭ ހާމަކޮށްފިއެވެ.

ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިމިގްރޭޝަން ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއެއްގެ އަތުން ފެނުނު 530,000 ރުފިޔާ ހިފައިގެން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ދިޔަ މައްސަލައެއް މިހާރު ވަނީ ފުލުހުން ބަލަން ފަށާފައެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަގާމުން ވަކިކުރެވުނެވެ. އަދި އެކަމާ ގުޅުން ހުރި އިތުރު ފަރާތްތަކެއްވެސް ވަނީ ހައްޔަރުކުރެވިފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި އެންމެ ފުރަތަމަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރެވުނީ ތިން މީހުންނެވެ. އެއީ:

  • ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް (21)
  • ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު (37)
  • ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން (47)

ދެން ޝަމްއާން ހައްޔަރުކުރެވުނީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ. ފުލުހުން ރޭ ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން އެންމެ ފަހުން މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. ހަޒާރީވިލާ، އަހުމަދު ލައްސާން (40) އެވެ.

ޝަމްއާނަށް ރިޝްވަތުގެ ތުހުމަތު ކުރެވުނީ އިމިގްރޭޝަން މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް، ނަގުދު ފައިސާއާއެކު އެ ބިދޭސީން ގެންދިޔަކަމުގެ މަޢުލޫމާތު ތަޙްޤީޤަށް ލިބުމާ ގުޅިގެންނެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގެ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވެއެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެންޝަނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރާތަށް ގޮސްފައިވާކަންވެސް ތަޙްޤީޤަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ