އިމިގްރޭޝަނުން ހީނާމާގޭ ޕާކިންގ ސަރަހައްދުގައި ހިންގި ރެއިޑެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މި ރެއިޑު ހިންގާފައިވަނީ މާޗް 22 ވަނަ ދުވަހުގެ ރޭގަނޑުއެވެ. މަޖީދީމަގަށްވާ ގޮތަށް ހުންނަ ހީނާމާގޭ ޕާކިންގ ސަރަހައްދަކީ ބިދޭސީން އެއްވެ އުޅޭ އެއް ސަރަހައްދުކަމުން، އިމިގްރޭޝަނުން އެ ތަނަށް އާންމުކޮށް ރެއިޑު ޖަހައެވެ.
މީގެ ކުރިން ވެސް މި ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 17 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި މިފަދަ އޮޕަރޭޝަންތައް އަމާޒުކުރަނީ ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ތަންތަނަށެވެ. މީގެ ތެރޭގައި މާލޭ ރަސްފަންނާއި އާޓިފިޝަލް ބީޗް ސަރަހައްދާއި، ހުޅުމާލެއިން ސެންޓްރަލް ޕާކާއި ހުޅުމާލެ ބީޗް ސަރަހައްދު ހިމެނެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބިދޭސީން އާންމުކޮށް ވަޒީފާ އަދާކުރާ ތަންތަނަށް ވެސް ރެއިޑު ޖަހައެވެ. މިދިޔަ މަހު ފަހުކޮޅު، މާލޭގައި ހިންގާ ކުދި މާރުކޭޓުގެ ތެރެއިން ފަސް ތަނެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރު ތެރޭގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 6,000 މީހުން އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް، އެ މުއައްސަސާއިން ބުންޏެވެ.
އިމިގްރޭޝަނުގެ މަސައްކަތްތަކުގެ އިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮގްރާމުގެ ތެރެއިން 10 މަސް ތެރޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް، ވުޒާރާއިން ބުނެފައިވެއެވެ.
އިމިގްރޭޝަނުގެ މަސައްކަތްތަކުގެ ސަބަބުން ސައްހަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް، އިމިގްރޭޝަނުން މި މަހު ފާހަގަކޮށްފައިވެއެވެ. މިކަން ފާހަގަކޮށްފައިވަނީ ފަހުން ހިންގި ރެއިޑުތަކުގައި ގިނަ ބިދޭސީންގެ އަތުގައި ސައްހަ ވިސާ އޮތް ކަމަށް ފެނުނުމުންނެވެ.