މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ޙިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން ނިންމައިފިއެވެ. މިކަން ފާސްކުރުމަށް ހުށަހަޅާނީ އެ ކުންފުނީގެ 15 ވަނަ އަހަރީ އާންމު ޖަލްސާއަށެވެ.
ބޭންކުން ހާމަކުރި ގޮތުގައި، ހިއްސާއަކަށް 4.58 ރުފިޔާގެ މަގުން ފައިދާ ބެހުމަށް ހުށަހަޅާނެއެވެ. މީގެ ތެރެއިން 50 ޕަސެންޓް ކޭޝް ޑިވިޑެންޑްގެ ގޮތުގައި ދޭއިރު، އަނެއް 50 ޕަސެންޓް ބޯނަސް ހިއްސާގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.
ބޯނަސް ހިއްސާގެ އަގު ކަނޑައަޅާފައިވަނީ ހިއްސާއަކަށް 35 ރުފިޔާގެ ރޭޓުންނެވެ. ހިއްސާގެ ފައިދާ ލިބޭނީ އެމްއައިބީގެ 15 ވަނަ އަހަރީ އާންމު ޖަލްސާގެ "ރިކޯޑް ތާރީޚާ" ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށެވެ.
އެމްއައިބީން ބުނާ ގޮތުގައި ޖަލްސާއާ ގުޅޭ އިތުރު މަޢުލޫމާތާއި ނޯޓިސް އަންނަ މަހު އާންމުކުރާނެއެވެ.
ވޭތުވެދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ބޭންކުން ވަނީ އާ ސާވިސް ސެންޓަރުތައް ހުޅުވައި، ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ފުޅާކޮށް، އަދި ބައިނަލްއަޤްވާމީ ތިން އެވޯޑެއް ހޯދާފައެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ޚިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކުވެސް މެއެވެ.