ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބަހްރެއިން 2-0 އިން ބަލިކޮށް، 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަޕާން ވެއްޖެ އެވެ.
ޖަޕާނާ އެކު މި ވަގުތު ވޯލްޑް ކަޕްގެ ޖާގަ ޔަގީންވެފައި އޮތީ މުބާރާތް ހޯސްޓް ކުރާ ގައުމުތަކުގެ ހައިސިއްޔަތުން އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ އެވެ. ޖަޕާން ވޯލްޑް ކަޕުން ޖާގަ ކަށަވަރުކުރީ ކޮލިފައިންގައި ބާކީ ތިން މެޗު ނުކުޅެ އޮއްވަ އެވެ.
ކޮލިފައިން ގްރޫޕް ސީ އެއް ވަނައިގައި ޖަޕާން އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ އިންޑޮނީޝިއާ އަތުން 5-1 އިން މޮޅުވި އޮސްޓްރޭލިއާ އެވެ. އެ ޓީމަށް ވަނީ ހަތް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ޖަޕާނަށް ލީޑު ނަގައިދިނީ މެޗުގެ 66 ވަނަ މިނެޓްގައި ޑައިޗީ ކަމާޑާ އެވެ. އަދި އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޓަކެފުސާ ކުބޯ އެވެ.
މިއީ ޖަޕާން ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި 8 ވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.