ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު މައްސަލަ ޖޭއެސްސީން ނުބަލަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު މައްސަލަ ޖޭއެސްސީން ނުބަލަން ނިންމައިފި

ގުޅުންހުރި

މާލެ، 20 މާރިޗު 2025 – ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ޝަރީއަތުގެ އަޑުއެހުމެއް އޮތް ގަޑީގައި ވަޒީފާގެ މަސްއޫލިއްޔަތު ދޫކޮށް "ޓެކްސީ ޑްރައިވަރެއްގެ" ގޮތުގައި އެއާޕޯޓަށް މީހުން އުފުލަން އުޅުނު ކަމަށް ބުނެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމައިފިއެވެ.

ލިބިފައިވާ މަޢުލޫމާތުގެ މަތިން، އަލީ ރަޝީދާ ގުޅޭ ގޮތުން ހުށަހެޅުނު މި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ބާޠިލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ގަސްދުގައި ނުގޮސް ކޯޓުން ބޭރުގައި ޓެކްސީކުރުމަށް އުޅުނު ކަމަށެވެ. އަދި އަޑުއެހުމަށް ހާޒިރުވުން ލަސްވާނެކަން ކުރިއާލައި އަންގާފައި ނުވާ ކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ހާޒިރުވީ ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރުން – ހުސްނުއްސުޢޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު – ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށް ބުނެފައިވެއެވެ. މި ސަބަބުތަކަށްޓަކައި އަލީ ރަޝީދު ޢަމަލުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފަށް ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީގައި އެދިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީގައި މަޝްވަރާކޮށް، މި މައްސަލަ ކުރިއަށް ނުގެންދަން ނިންމީ ބުދަ ދުވަހު ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.

އަލީ ރަޝީދުގެ މައްސަލަ ކުރިއަށް ނުގެންދަން ޖޭއެސްސީން ނިންމިއިރު، މިހާރުވެސް ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒުގެ މައްސަލަތަކެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާޢީލް ލަޠީފް ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ދިމާލަށް އޭރުގެ ފަނޑިޔާރު ހުސްނުއްސުޢޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހެއްގައި މަހާޒުއާއި އަޒްމިރަލްދާ ތިބި މައްސަލައެކެވެ.

މީގެ އިތުރުން، ޑރ. އަޒްމިރާލްދާ ޒާހިރުގެ ދިފާޢުގައި އޭނާގެ ވަކީލުން ޕްރެސް ސްޓޭޓްމަންޓް ނެރޭ މައްސަލަވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ