އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ ކަމަށް ބުނެ، އެ ހަރަކާތްތައް އިތުރަށް އެގޮތަށް ކުރިއަށްގެންދާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ފޮނުވި ސިޓީއެއްގައި، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ "ފްލެޓްގެ ހައްގު ހޯދުމަށް އަޑުއުފުލުން" ނަމުގައި މިހާރު އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަމުންދާކަމަށް ބުނެ ފުލުހުން އެ ކޮމިޝަނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މީޑިއާތައް މެދުވެރިކޮށް އިލެކްޝަނަށް ލިބުނު މަޢުލޫމާތުގެ އަލީގައި، އެމްޑީޕީގެ މުޒާހަރާތަކުގައި އާންމު ދަތުރުފަތުރާއި އާންމު ރައްޔިތުންނަށް ދަތިވާގޮތަށް އަދި އެއްވެ އުޅުމުގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޝުޢޫރު ފާޅުކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ ކަންކަން ހިނގާކަން ފާހަގަކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހިނގާނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ސިޓީގައި ބުނެފައިވެއެވެ.
"ތިޔަ ޕާޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގައި ނަސޭހަތްތެރިވަމެވެ، އަދި މިފަދަ ކަންތައްތައް އިތުރަށް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" އިލެކްޝަންސް ކޮމިޝަނުގެ ސިޓީގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެހެން ގާނޫނުތަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބާއްވައިގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
އަދި ސިޔާސީ ޕާޓީއަކުން އެއްވެސް ތަނެއްގައި އާންމު ބައްދަލުވުމެއް ބާއްވާނަމަ އާންމު ބައްދަލުވުން ބާއްވާ ތަނަކާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެ ބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭނެކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ