ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައަޅާ ސަފީރު ކަމަށް ގީލާ އަލީ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެ މަގާމަށް ގީލާ އައްޔަންކުރުމަށް ރުހުން ހޯދުމަށް އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ. ތަޅުމުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ގީލާއަކީ މިހާރު ކިންގްޑޮމް އޮފް ބެލްޖިއަމްއަށް ވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގީލާ އައްޔަނުކުރުމާމެދު މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށް ވަނީ ވޯޓަށް އަހާފައެވެ. ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން ނިންމީ އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވީ ޔޫރަޕިއަން ޤައުމުތަކަށް ކަނޑައެޅޭ ސަފީރުންގެ ދައުރު އިތުރަށް ފުޅާކުރުމުގެ މުހިންމުކަމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސަފީރުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ވެސް މުހިއްމުކަމަށެވެ.
މިކަމާ ގުޅިގެން ކޮމެޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރިއިރު ސަފީރުން ކޮށްފައިވާ މަސައްކަތްތައް ބެލުނުކަމަށާއި މިއީ ސަފީރުންގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.