އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައި، ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ފުރިފައިވާނަމަކަމަށް ބަޔާންކޮށްފައިވެއެވެ.
އައު އުސޫލުގެ ދަށުން، ޙައްޖަށް މީހުން ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންކަމަށް ނިންމާފައިވެއެވެ. މިނިސްޓްރީން ބުނެފައިވަނީ މި އުސޫލަކީ ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތޭ ސިޔާސަތަށް ގެނެވުނު ބަދަލުގެ ދަށުން އެކުލަވާލެވުނު އުސޫލެއްކަމަށެވެ.
އުސޫލުގައި ހިމެނޭ މުހިންމު ކަންކަން:
- ޙައްޖަށް ދިޔުމުގައި އިސްކަން ދެވޭނީ އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށެވެ.
- ޙައްޖަށް ގޮސްފައިނުވާ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅާނެއެވެ.
- ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ބޭނުންވާ ފަރާތްތަކަށް އެހީތެރިއަކު ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ، ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނޭ އާއިލާގެ މީހަކު ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާނަމައެވެ.
- އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުސަތު ދެވޭނީ، ކޯޕަރޭޝަނުގެ ލިސްޓުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އާއިލާގެ މެންބަރަކު ނެތް ހާލަތުގައެވެ.
މި އައު އުސޫލުގެ ސަބަބުން، ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބުމުގައި ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށް އިސްކަންދިނުމާއެކު، ޙައްޖު ކިއު ކުޑަކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.