ދިވެހިރައްޔިތުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސްޢޫލިއްޔަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ހާމަކޮށްފިއެވެ.
މި އައު އުސޫލުގެ ދަށުން، މިނިސްޓްރީއިން ހައްޖުގެ އަޅުކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ، އެ ސިޔާސަތުތަކާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދެވޭތޯ ބަލާ ކަށަވަރުކުރާނެއެވެ. ޙައްޖު ކޯޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޙައްޖު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
މީގެއިތުރުން، ރައްޔިތުންނަށް ޙައްޖަށް ދިއުމަށް އެއްފަހަރާ ނުވަތަ ބައިބަޔަށް ފައިސާ ދެއްކޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރެވޭނެކަމަށާއި، ޙައްޖު ކިއު ލިސްޓު ކުޑަކުރުމަށް އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް ބަދަލުގެނެވިފައިވާކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.
މި އުސޫލާއެކު މިހާތަނަށް ޙައްޖުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ޙައްލުކުރެވި، ރައްޔިތުންގެ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.